އެފްއޭއޯގެ އެހީގައި ތައްޔާރުކުރި ކަނދުފައްޗެއް އއ. ތޮއްޑޫ ކައިރީގައި އަޅައިފި

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ)ގެ އެހީގައި، ވަދު މަސްވެރިކަމަށާއި މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް ޚާއްޞަކޮށް ތައްޔާރުކުރި ކަނދުފައްޗެއް، އއ. ތޮއްޑޫގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި އަޅައިފިކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވުޒާރާއިން ބުނީ، ކަނދުފަތީގެ ޑިޒައިން އިތުރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އަޅާފައިވާ މި ކަނދުފަތިއަކީ، މިފަދަ ކަނދުފައްޗެއް ރާއްޖޭގައި އެޅި ފުރަތަމަ ފަހަރު ކަމަށެވެ.

ވުޒާރާއިން ބުނި ގޮތުގައި، މި ކަނދުފަތި ފަރުމާކޮށްފައިވަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ޤާއިމުކުރާ "ސަބްމާޖްޑް" ނުވަތަ "ސަބްސަރފޭސް" ކަނދުފަތީގެ ޑިޒައިނަށް ބަލައިގެން، ކަނދުފަތީގެ ފްލޯޓިންގ ސްޓްރަކްޗަރ ދެފެންދޭތެރޭގައި އޮންނަ ގޮތަށެވެ.

ކަނދުފަތީގެ މައި ފްލޯޓިންގ ސްޓްރަކްޗަރ ހަރުކޮށްފައިވަނީ 20 މީޓަރު ފެނުއަޑީގައި، މައި ނަގިލިވަލާ ގުޅޭ ގޮތަށެވެ. ނަގިލިވަލުގެ ގޮތުގައި ބޭނުންކޮށްފައިވަނީ މި ކަނދުފައްޗަށް ޚާއްޞަކޮށް ގެނެސްފައިވާ އައު ބާވަތެއްގެ "ފްލޯޓިންގ" ވަލަކާއި "ސިންކިންގ" ވަލެކެވެ.

މީގެ އިތުރުން، އެ ފުންމިނުގައި ފަނާވެގެންދާފަދަ ބާވަތަކުން ތައްޔާރުކޮށްފައިވާ "ނޮން އެންޓޭންގްލިންގ" ދައުތަކެއް ވެސް ކަނދުފަތީގައި ހަރުކޮށްފައިވާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް