އަންނަ އަހަރުގެ ބަޖެޓު 65 މެންބަރުންގެ ވޯޓުން ފާސްކޮށްފި

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، މަޖިލީހުގެ 65 މެންބަރުންގެ ވޯޓާއެކު މިއަދު ފާސްކޮށްފިއެވެ.

ބަޖެޓު ފާސްކުރުމާ ދެކޮޅަށް 13 މެންބަރަކު ވޯޓު ދެއްވިއެވެ.

ބަޖެޓަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން 23 އިޞްލާޙެއް ހުށަހެޅުނު ނަމަވެސް، އޭގެ ތެރެއިން ޝަރުޠު ފުރިހަމަވީ ހަތް އިޞްލާޙަށެވެ. އެއް އިޞްލާޙު ފަހުން އަނބުރާ ގެންދެވުނެވެ. އިޞްލާޙުތަކަށް މިއަދު މަޖިލިސް ތަޅުމުގައި ވޯޓަށް އެހި ނަމަވެސް، އެއްވެސް އިޞްލާޙެއް ފާސްވާ މިންވަރަށް ވޯޓު ލިބިފައެއް ނުވެއެވެ.

2027 ވަނަ އަހަރުގެ ބަޖެޓަކީ މި އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓަށްވުރެ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. ނަމަވެސް ދައުލަތް ހިންގުމަށް ކުރާ ހޭދަ ނުވަތަ ރިކަރަންޓް ޚަރަދު އިތުރުވެ، އަންނަ އަހަރު 42.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ.

ބަޖެޓުގައި ވާ ގޮތުން، އަންނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރެވޭއިރު، ދައުލަތުގެ ޖުމްލަ ޚަރަދު 52.6 ބިލިއަން ރުފިޔާއަށް ވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި އަންނަ އަހަރު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރެއިން، ޞިއްޙީ ދާއިރާއަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް