ފެނުގެ ނިޒާމު ޤާއިމުނުކުރެވި އޮތީ 43 ރަށުގައި، ނަރުދަމާ 33 ރަށުގައި: މިނިސްޓަރު މުއްޠަލިބް

މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފެނުގެ ނިޒާމު ޤާއިމުނުކުރެވި މިހާރު އޮތީ 43 ރަށުގައި ކަމަށާއި، ނަރުދަމާގެ ނިޒާމު ޤާއިމުނުކުރެވި 33 ރަށް އޮތް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރަށްރަށުގައި ހުއްޓިފައިވާ އަދި ކުރިއަށްދާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ފެނާއި ނަރުދަމާގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން، 2027 ވަނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން ސަރުކާރަށް ލާޒިމުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު މީހުން ދިރިއުޅޭ ރަށްރަށުގައި މަސައްކަތް ބާކީ ހުރި މިންވަރަށް ބަލާއިރު، 43 ރަށެއްގައި ފެނުގެ ނިޒާމު އަދި 33 ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވިފައެއް ނުވޭ. ނަމަވެސް އެ މަސައްކަތްތައް ހުއްޓުމެއްނެތި މިހާރުވެސް ކުރިއަށް އެބަދޭ. ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫއުތައް އެއްކޮށް ނިންމުމަކީ ޤާނޫނީ ގޮތުން ވެސް އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން، އަންނަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ނުނިމި ހުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާކަން ފާހަގަކުރައްވައި، ޑުޕްލެކްސް ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތްތައް ނިންމުމަށް އެ ކުންފުންޏާ ވާހަކަ ދައްކަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް