ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި، އެ މަހު އިހުމާލުވުމުގެ 27 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިހުމާލުވުމުގެ މައްސަލަތަކުގެ ތެރޭގައި 18 އަންހެން ކުދިންނާއި 9 ފިރިހެން ކުދިންނާ ގުޅޭ މައްސަލަ ހިމެނެއެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ބާވަތުގެ 24 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި 18 އަންހެން ކުދިންނާއި 6 ފިރިހެން ކުދިންނާ ގުޅޭ މައްސަލަ ހިމެނެއެވެ.
އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ ޖުމްލަ 109 މައްސަލައެއް އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި އަންހެން ކުދިންނާ ގުޅޭ 62 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅޭ 47 މައްސަލަ ހިމެނެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއާއި އިހުމާލުވުމުގެ އެއްވެސް އަމަލެއް ފެނިއްޖެނަމަ ނުވަތަ ޝައްކުކުރެވިއްޖެނަމަ، އެ މައްސަލައެއް ރިޕޯޓުކުރުމަށް ވުޒާރާގެ ހިލޭ ގުޅޭ ޗައިލްޑް ހެލްޕްލައިން 1412 އަށް ގުޅުމަށް އެ ވުޒާރާއިން އަބަދުވެސް އިލްތިމާސްކުރެއެވެ.





