ސަރުކާރުގެ އަމާޒަކީ ޚިދުމަތަށް މާލެ އަންނަން ނުޖެހޭ ފެންވަރަށް ރަސްމާލެ ތަރައްޤީކުރުން: މިނިސްޓަރު މުއްޠަލިބް

ސަރުކާރުގެ އަމާޒަކީ ރަސްމާލޭގެ ރަށްވެހިންނަށް ޚިދުމަތް ހޯދުމަށް މާލެއަށް އަންނަން ނުޖެހޭ ފެންވަރަށް، ވަޒީފާއާއި އާމްދަނީ ލިބޭ ތަނެއްގެ ގޮތުގައި އެތަން ތަރައްޤީކުރުން ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރަސްމާލެއިން 4,000 އަށްވުރެ ގިނަ ގޯތި ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، ރަސްމާލޭގެ ބައެއް ބައިތައް އެހެން ފަރާތްތަކަށް ދޫކުރާތީ އާއްމުންނަށް ގޯތި ދޫކުރުމުގެ ފުރުޞަތު އޮންނާނެތޯ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ވިޔަފާރިކުރެވޭނެ އަދި އާމްދަނީ ހޯދޭނެ ގޮތެއް ނެތި ހަމައެކަނި ގޯތި ދިނުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެހެންވެ، ރަސްމާލެ ތަރައްޤީކުރަނީ އާމްދަނީ ހޯދުމުގެ ފުރުޞަތާއި، އާއްމުންނަށް ބޭނުންވާ ޚިދުމަތްތަކާއި، ވަޒީފާތައް ވެސް ފަހިވާނެ ގޮތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއުޅެނީ ދިވެހިންނަށް ހައްޤުވާ މިންވަރަކީ ހަމައެކަނި ނިދަން އަރާ ތަނެއް ކަމަށް ދެކޭ ދެކުން ބަދަލުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ހުޅުމާލެ ނަންގަވަމުން މިނިސްޓަރު ވިދާޅުވީ، 1997 ވަނަ އަހަރު ހުޅުމާލެ ހިއްކަން ފެށި ފަހުން، 2018 ވަނަ އަހަރު ސިނަމާލެ ބްރިޖު އެޅުމާ ހަމައަށްވެސް އެ ތަނުން އެކަށީގެންވާ ފައިދާއެއް ނުފެނުނު ކަމަށާއި، މިހާރުވެސް ހުޅުމާލޭގެ ގިނަ ރަށްވެހިންނަށް ވަޒީފާ އަދާކުރަން މާލެއަށް ދަތުރުކުރަން ޖެހޭ ކަމަށެވެ.

"މިއަދުވެސް 60000 މީހުން އެބަ އާދޭ ބްރިޖް ހުރަސްކޮށް މާލެއަށް ވަޒީފާއަށް. ހުޅުމާލޭގައި އަދިވެސް ވަޒީފާ އާއި އާމްދަނީ ހޯދޭނެ ގޮތެއް ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގެ މާސްޓަރ ޕްލޭން ނިމުމާއެކު އަންނަ އަހަރުގެ މެދުތެރޭގައި އެ ބިމުން ގޯތި ދޫކުރަން ފެށޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް