ރާއްޖޭގެ އެކި ރަށްރަށުގައި ހުއްޓިފައިވާ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރެއިން، ބޮޑުހިލަ ލިބުމާއެކު އެއްކޮށް ނިންމާލެވޭ ހިސާބުގައި ގިނަ މަޝްރޫއުތަކެއް ހުރި ކަމަށާއި، ރަށްރަށުގެ ބަނދަރުތަކުގެ ގިނަ މަޝްރޫއުތައް މިވަގުތު ހުއްޓިފައި ހުރީ ބޭނުންވާ މިންވަރަށް ބޮޑުހިލަ ނުލިބިގެން ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ ވިޔަފާރިއަށާއި ތަކެތި އުފުލުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"ބަނދަރުތަކުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ހުއްޓިފައި ހުރީ ހިލަ ލިބުމުގެ ދަތިކަމާ އެއްކޮށް. މެންބަރުގެ ވާހަކަފުޅުން ހީވަނީ އަޅުގަނޑުމެން ހެން ހަނގުރާމައެއް ފަށައިގެން މިއުޅެނީ. އަޅުގަނޑުމެން ހެން މުޅި ދުނިޔޭގައި ހަނގުރާމަކޮށް، އެއްޗެހި އަގުބޮޑުވުމާއި މި ކަންތައްތައް ކުރަނީ ދިވެހި ސަރުކާރުން ހެން ހީވަނީ އެމްޕީ ވާހަކަ ދައްކަވާއިރު،" މިނިސްޓަރު ވިދާޅުވިއެވެ.
ދަތިތަކާއެކުވެސް އެކި ގޮތްގޮތުން ހައްލު ހޯދައިގެން މަޝްރޫއުތައް ކުރިއަށް ގެންދެވޭތޯ ސަރުކާރުން ބަލަމުންދާ ކަމަށާއި، ބޭނުންވާ ބޮޑުހިލަ ލިބުނުހާ އަވަހަކަށް ގިނަ މަޝްރޫއުތަކެއް ކުޑަ މުއްދަތެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ހިލަ ލިބުނީމާ ނިންމޭނެ ވަރަށް ބައިވަރު ޕްރޮޖެކްޓްތައް އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ބޮޑުހިލަ ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫއުތަކަށް އަހަރަކު ގާތްގަނޑަކަށް 600,000 އާއި 1,000,000 އާ ދެމެދުގެ މެޓްރިކް ޓަނުގެ ބޮޑުހިލަ އެތެރެކުރަން ޖެހެއެވެ. އަދި އަތޮޅުތެރޭގެ ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތަށް އެވްރެޖްކޮށް ކޮންމެ ރަށަކަށް 15,000 އާއި 40,000 އާ ދެމެދުގެ މެޓްރިކް ޓަނުގެ ހިލަ ބޭނުންވެއެވެ.





