ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ޑިސެމްބަރުގައި ފަށައި 2027 ގެ ނިޔަލަށް ނިންމާނެ: މިނިސްޓަރު މުއްޠަލިބް

ލ. ކުނަހަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ފަށައި، 2027 ވަނަ އަހަރުގެ ނިޔަލަށް މަޝްރޫއު ނިންމާލެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައިވާތީ މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގިނަ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުރީ ފެށުމަށްފަހު ހުއްޓިފައި ކަމަށެވެ. ކުނަހަންދޫގެ މަޝްރޫއަކީ ވެސް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް، އެ ކުންފުނިން އެހެން ފަރާތަކަށް ސަބްކޮންޓްރެކްޓްކޮށް އެޑްވާންސް ފައިސާ ވެސް ދޫކޮށްފައިވީ ނަމަވެސް، މަސައްކަތުގެ ވަރަށް ކުޑަ މިންވަރެއް ހިނގާފައިވާ މަޝްރޫއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ފުރަތަމަ މަސައްކަތްކުރެއްވީ ކުރިން ހަވާލުކޮށްފައިވާ ކުންފުނިތަކާއެކު މަސައްކަތް ކުރިއަށް ގެންދެވޭތޯ ބެލުމަށް ކަމަށާއި، އެކަން ކާމިޔާބުނުވުމުން އެ އެއްބަސްވުންތައް ބާތިލުކޮށް، މަޝްރޫއު މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކުރީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެމްޑަބްލިއުއެސްސީއާ މަސައްކަތް ހަވާލުކުރި މައިގަނޑު ސަބަބަކީ، ދައުލަތުގެ ބަޖެޓުން ހުރިހާ މަޝްރޫއަކަށް ސީދާ ޚަރަދުކުރުން ދަތިވާތީ، އާމްދަނީ ލިބޭ ކުންފުންޏެއް ކަމުގައިވާ އެމްޑަބްލިއުއެސްސީގެ ކޭޝްފްލޯގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ފައިސާ ހޯދުމުގައި އެމްޑަބްލިއުއެސްސީއަށް ދަތިތަކާ ކުރިމަތިވުމުން، ބައެއް ރަށްރަށުގައި އަމަލީ މަސައްކަތް ފެށުން ލަސްވި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިހާރު އެމްޑަބްލިއުއެސްސީއާ ވާހަކަދެކެވި އަޅުގަނޑުމެންނަށް ޝެޑިއުލް ލިބިފަ އޮތީ ނޮވެމްބަރު މަހުން ފެށިގެން ގިނަ ރަށްރަށަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް ކުރިއަށްގެންދާކަން. އަދި ޑިސެމްބަރު މަހުގެ ނިޔަލަށް އެރަށަށް މޮބިލައިޒްކޮށް އަމަލީ މަސައްކަތް ފަށައި 2027 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތް ނިންމާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ކުންފުނިން ދީފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގޮސް، 2027 ވަނަ އަހަރުގެ ނިޔަލަށް ކުނަހަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު އެއްކޮށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ އުންމީދު އޮތް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް