މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރކޮށް، އޭޓީއެމް މެދުވެރިކޮށް ނަގުދަށް ހެދުމަށް ކުށްވެރިން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، ޑްރައިވަރުންނާއި ޑެލިވަރީގެ ޚިދުމަތްދޭ ފަރާތްތަކާއި އާންމުން މިކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ، ސްކޭމަރުން އަމާޒުކުރަނީ ޓެކްސީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންނަށް ކަމަށެވެ. އެ މީހުންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ އޭޓީއެމްއިން ނަގައި ވަކި ފަރާތަކާ ހަވާލުކޮށްދިނުމުން، އޭގެ ބަދަލުގައި އިތުރު ފައިސާ ނުވަތަ ޓިޕްސް ދޭނެ ކަމަށް ހުށަހަޅަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިއީ އިތުރު އާމްދަނީއެއް ލިބޭ ފުރުސަތެއް ކަމަށް ހީވިޔަސް، މިފަދަ ކަމެއްގައި ބައިވެރިވުމުން ތިމާއަށް ނޭނގި މާލީ ކުށެއްގައި ބައިވެރިވެވުމުގެ ނުރައްކާ އޮންނަ ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ފުލުހުން ބުނާ ގޮތުގައި، ސްކޭމަރުން ފުރަތަމަ ކުރަނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ދަތުރެއް ނުވަތަ ޑެލިވަރީ އޯޑަރެއް ހެދުމެވެ. ޑްރައިވަރު އެ އޯޑަރު ގަބޫލުކުރުމުން، އެޕްލިކޭޝަނުން ބޭރުން ސީދާ ގުޅައި، އެކި ވާހަކަތައް ދައްކައިގެން ޑްރައިވަރުގެ އެކައުންޓަށް ފައިސާ ފޮނުވައެވެ. ދެން އެ ފައިސާ ނަގައި ވަކި މީހަކާ ނުވަތަ ވަކި ތަނަކާ ހަވާލުކުރުމަށް އެދި، ދަތުރުގެ ނުވަތަ ޑެލިވަރީގެ އަސްލު އަގަށްވުރެ ބޮޑު ޓިޕްސްއެއް ހުށަހަޅައެވެ.
މިގޮތަށް ޓްރާންސްފަރކުރާ ފައިސާއަކީ އެހެން މީހުންނަށް އޮޅުވާލައިގެން ހޯދާފައިވާ ފައިސާ ކަމަށާއި، އެ ފައިސާ ނަގައި ހަވާލުކުރުމުން ޑްރައިވަރުންނަށް ނޭނގި ނަމަވެސް ކުށްވެރިންނަށް ފައިސާ ދައުރުކޮށް، އޭގެ އަސްލު ފޮރުވުމަށް އެހީތެރިވެދެވޭ ކަމަށް ފުލުހުން ބުނެއެވެ. މި އަމަލަށް ކިޔަނީ "މަނީ މިއުލިންގ" އެވެ.
މިފަދަ ކަންކަމުން ރައްކާތެރިވުމަށް، ނުދަންނަ މީހުންނާއި ކަސްޓަމަރުންގެ ފައިސާ ޓްރާންސްފަރކުރުމަށް ނުވަތަ ނަގުދަށް ނަގައިދިނުމަށް އަމިއްލަ އެކައުންޓް އެއްވެސް ހާލެއްގައި ބޭނުންކުރަން ނުދިނުމަށް ފުލުހުން އިރުޝާދުދީފައިވެއެވެ. އަދި ބަލައިގަންނަންވާނީ ދަތުރުގެ ނުވަތަ ޚިދުމަތުގެ ސައްހަ އަގު އެކަނި ކަމަށާއި، ބޮޑު ޓިޕްސްއެއް ދޭނެ ކަމަށް ބުނިޔަސް ފައިސާ ނަގައިދިނުމަށް އިންކާރުކުރުމަށް ވެސް ފުލުހުން އެދިފައިވެއެވެ.





