ތިމަރަފުށީގައި 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ބޭނުންކުރަން ފަށައިފި

ތ. ތިމަރަފުށީގެ ކަރަންޓުގެ ހިދުމަތް ހަރުދަނާކުރުމަށް އެ ރަށަށް ގެންދިޔަ 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ބޭނުންކުރަން ފަށައިފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނީ، ކަރަންޓުގެ ހާލަތު ރަނގަޅުކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން އެ ރަށުގައި އައު ޖަނަރޭޓަރު ސެޓް އިންސްޓޯލްކޮށް، ކޮމިޝަންކުރުމަށްފަހު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ، މި އައު ސެޓާއެކު ތިމަރަފުށީގައި ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރުހުރި ގޮތެއްގައި ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.

ސަރުކާރުން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރަމުން ދަނީއެވެ. އެގޮތުން، މީގެ ކުރިން ފެނަކަ ކޯޕަރޭޝަނުގެ ދަށުން ހިންގަމުން އައި އިންޖީނުގެތައް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް