ރާއްޖޭގައި ދޭންޖެހޭ އާންމު ޞިއްޙަތުގެ އަސާސީ ޚިދުމަތްތައް ކަނޑައަޅަން ޤައުމީ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ދިވެހިރާއްޖޭގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ އާންމު ޞިއްޙަތުގެ އަސާސީ ޚިދުމަތްތައް ކަނޑައަޅައި މެޕްކުރުމަށް ބާއްވާ "އެސެންޝަލް ޕަބްލިކް ހެލްތު ފަންކްޝަންސް" (އީޕީއެޗްއެފް) އާ ގުޅޭ ފުރަތަމަ ޤައުމީ މަސައްކަތު ބައްދަލުވުން މިއަދު މާލޭގައި ފަށައިފިއެވެ.

މީރުމާ އިވެންޓްސް ހޯލުގައި ބޭއްވި މި ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓަރު ޤީލާ ޢަލީއެވެ. އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު އަދި ޗައިނާ އެމްބަސީގެ މަންދޫބު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އާންމު ޞިއްޙަތުގެ ޚިދުމަތްތަކަކީ މީހުން ބަލިވުމުގެ ކުރިން މުޅި މުޖުތަމަޢު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ 12 އީޕީއެޗްއެފް ގެ މައްޗަށް ބިނާކޮށް، ޤައުމީ ފެންވަރުގައި މި މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފަށާފައެވެ.

ދެ ދުވަހު ކުރިއަށްދާ މި ބައްދަލުވުމުގައި، ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި އިދާރާތައް ތަމްސީލުކުރާ 45 ބައިވެރިން ބައިވެރިވެއެވެ. ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ 12 އީޕީއެޗްއެފް ރާއްޖޭގެ ޙާލަތާ ގުޅުވައި ކަނޑައަޅައި، އެ ޚިދުމަތްތައް ދޭނީ ކޮން ފަރާތްތަކަކުންކަމާއި ކޮން ތަންތަނަކުންކަން ދެނެގަތުމެވެ.

ޞިއްޙަތު ކުރިއެރުވުމާއި، ބަލިތަކުން ރައްކާތެރިވުމާއި، އާންމުން ރައްކާތެރިކުރުމާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ހަތަރު އަސާސެއްގެ މައްޗަށް ބިނާވެފައިވާ މި ބައްދަލުވުމުގައި، ސަރވެއިލަންސް، ކުއްލި ހާލަތްތައް ބެލެހެއްޓުން، މަސައްކަތްތެރިން ބިނާކުރުން، ޕްރައިމަރީ ހެލްތު ކެއަރ އަދި ދިރާސާކުރުން ހިމެނޭ ގޮތަށް އާންމު ޞިއްޙަތުގެ 12 ދާއިރާއަކަށް އަލިއަޅުވާލާނެއެވެ.

މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން "ނޭޝަނަލް ޕަބްލިކް ހެލްތު ވޯކްފޯސް ރޯޑްމެޕް 2027–2031" އާއި ގުޅުންހުރި އެހެނިހެން ޤައުމީ ޕްލޭންތައް އެކުލަވާލެވޭނެއެވެ.

މި ހަރަކާތް ކުރިއަށްގެންދަނީ ޑަބްލިއުއެޗްއޯ އާއި ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކުއެވެ. 2026 ވަނަ އަހަރަށް މި ޕްރޮގްރާމްގެ ދަށުން ޚާއްޞަ ސަމާލުކަމެއް ދީގެން ހޮވާލެވުނު ހަތަރު ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް