ސައުދީ އަރަބިއްޔާއަށް ހޫތީން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތައް، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޫތީން އެންމެ ފަހުން ހަމަލާތައް އަމާޒުކޮށްފައިވަނީ ސައުދީގެ ވެރިރަށް ރިޔާޒުގެ އާންމު އަދި އިގްތިސާދީ މަރުކަޒުތަކަށެވެ. މި ހަމަލާތަކުގެ ސަބަބުން ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށް މާއްދީ ގެއްލުންތައް ލިބިފައިވާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ތަކުރާރުކޮށް ދެމުންދާ މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމެއް ކަމަށާއި، ބައިނަލްއަގުވާމީ ޤާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށް ސަރުކާރުން ދެކޭ ކަމަށް ބަޔާނުގައިވެއެވެ.

އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ގޮތަށާއި، ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ބުރޫއަރާ ގޮތަށް ދޭ މިފަދަ އަނިޔާވެރި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ސައުދީ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނާއެކު ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެ ކަމަށާއި، ސައުދީގެ ސިޔާދަތާއި ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށާއި ދެ ހަރަމްފުޅު ހިމާޔަތްކުރުމަށް އެ ޤައުމުން އަޅަމުންދާ ހުރިހާ ފިޔަވަޅަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބެމުންދާނެ ކަމަށް ބަޔާނުގައި ޔަގީންކަން ދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް