އައިޖީއެމްއެޗް ކުރިމަތީގައި ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި، ބަޔަކަށް ކުދި އަނިޔާތަކެއް ލިބިއްޖެ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދާ ސައިޓެއްގެ ބިއްގަނޑު ވެއްޓި، ބައެއް މީހުންނަށް ކުދި އަނިޔާތަކެއް ލިބި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށް ގެއްލުން ލިބިއްޖެއެވެ.

މި ހާދިސާ ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 17:06 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އަނިޔާވީ މީހުންގެ އަދަދު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ކޮންސްޓްރަކްޝަން މަސައްކަތަށް ޓިނުން ހަދާފައިވާ ބިއްގަނޑު ވެއްޓި، މީހަކު އަނިޔާވެގެން ބިންމަތީގައި އޮތް މަންޒަރު ފެނެއެވެ. އަދި ސައިކަލުތަކެއްގެ މައްޗަށް ޓިނުގަނޑު ވެއްޓިފައިވާ މަންޒަރު ވެސް އެ ވީޑިއޯގައި ފެނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ބަލަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް