މަސްވެރިކަމުގެ 20 އަހަރުގެ މާސްޓަރ ޕްލޭނުގެ ވެލިޑޭޝަން ބައްދަލުވުން ބާއްވައިފި

މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާ ކުރިއަށް އޮތް 20 އަހަރު ތަރައްޤީކުރުމަށް އެކުލަވާލާފައިވާ މާސްޓަރ ޕްލޭނާ ބެހޭގޮތުން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށް، އެ ޕްލޭން ބަލައިގަތުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވެލިޑޭޝަން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

"ފިޝަރީޒް އެންޑް އެކުއަކަލްޗަރ މާސްޓަރ ޕްލޭން 2026–2045" އަކީ، މަސްވެރިކަމާއި އެކުއަކަލްޗަރ ވަރުގަދަކޮށް، އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދީ، ޤައުމީ ތަރައްޤީގައި މި ދާއިރާގެ ދައުރު ފުޅާކުރުމަށް ދުރުރާސްތާގެ ސްޓްރެޓީޖިކް މިސްރާބެއް ދައްކައިދޭނެ ޕްލޭނެކެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާފައިވާ އޮނިގަނޑު މުރާޖަޢާކުރުމަށެވެ. އެ އޮނިގަނޑުގައި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމާއި، ސިނާޢަތް އިތުރަށް ވަރުގަދަކުރުމާއި، ކަނޑުގެ ވަސީލަތްތައް ދިގު މުއްދަތަކަށް ހިމާޔަތްކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ.

ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރު އަންތު ޝަމްސުއްދީން ވިދާޅުވީ، "ރެޒިލިއަންޓް މޯލްޑިވްސް 2045" ތަޞައްވުރާ އެއްގޮތަށް މުސްތަޤްބަލުގެ ސިޔާސަތުތަކާއި، އިންވެސްޓްމަންޓްތަކާއި، ތަރައްޤީގެ މަޝްރޫޢުތައް ބައްޓަންކުރުމުގައި މި މާސްޓަރ ޕްލޭން މުހިންމު ކަމަށެވެ.

އަދި އަންނަން އޮތް ޖީލުތަކަށްޓަކައި ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއެކު، ވާދަވެރި އަދި ސިންދަފާތު ކުރެވިފައިވާ މަސްވެރިކަމާއި އެކުއަކަލްޗަރ ދާއިރާއެއް ބިނާކުރުމަށް ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ވުޒާރާއިން ބުނީ، ރާއްޖޭގެ މަސްވެރިކަމާއި އެކުއަކަލްޗަރގެ މުސްތަޤްބަލު ބައްޓަންކުރުމަށް މި ބައްދަލުވުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، ދިވެހިންގެ ދިރިއުޅުމަށާއި، ކާނާގެ ރައްކާތެރިކަމަށާއި، އިޤްތިޞާދީ ކުރިއެރުމަށާއި ޤައުމީ ތަނަވަސްކަމަށް މަސްވެރިކަމުގެ ދާއިރާއިން އަދާކުރާ މުހިންމު ދައުރު ކުރިއަށް އޮތްތަނުގައި ވެސް ދެމިއޮންނާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް