އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) ގެ "އޭޝިއާ-ޕެސިފިކް އެންޑް މިޑްލް އީސްޓްގެ 7 ވަނަ ރީޖަނަލް އޮޕަރޭޝަނަލް ސޭފްޓީ ކޮމިޓީ (އާރްއޯއެސްސީ)" ގެ ބައްދަލުވުން ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ފަށައިފިއެވެ.
ނޮވެންބަރު 23 އިން 25 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި، ކޮމިޓީ ތަމްސީލުކުރައްވާ 23 މެންބަރުންނާއި 7 އޮބްޒާވަރުން ބައިވެރިވެވަޑައިގަންނަވައެވެ. ބައްދަލުވުމުގެ ބައިވެރިންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ މަރުޙަބާ ކިޔާފައެވެ.
ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސް މުޙައްމަދު މަންޞޫރެވެ. ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފާއި ކުންފުނީގެ ސީނިއަރ މެނޭޖްމަންޓް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި، ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ އެއާސައިޑްގެ ރައްކާތެރިކަމާއި، ގްރައުންޑް ހޭންޑްލިންގ އޮޕަރޭޝަންތަކާއި، ރަންވޭގެ ސަލާމަތީ ކަންކަމާއި، ވައިގެ ދަތުރުފަތުރަށް އަލަށް ތަޢާރަފުކުރެވެމުންދާ ޒަމާނީ ޓެކްނޮލޮޖީތަކުގެ މައްޗަށެވެ.
މި ބައްދަލުވުމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ފަންނީ ފަރާތްތަކުން ތަޖުރިބާ ޙިއްޞާކޮށް، އޮޕަރޭޝަންތަކުގައި އަލަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ހޯދުމަށާއި، ސަރަޙައްދީ ފެންވަރުގައި ސަލާމަތީ ކަންކަން އެއް މިންގަނޑަކަށް ގެނައުމަށް މަގުފަހިކޮށްދޭ ފުރުޞަތެއް ކަމަށް ވެސް ކުންފުނިން ބުނެފައިވެއެވެ.
ބައިވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ އޮޕަރޭޝަންތައް ހިނގަމުންދާ ގޮތް ބަލާލުމަށް ވެސް ހަމަޖެހިފައިވާއިރު، އޭގެ ސަބަބުން ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަންތަކާއި، ރަށްތައް ގުޅުވައިދިނުމުގައި ވައިގެ ދަތުރުފަތުރު އަދާކުރާ ދައުރު ބައިވެރިންނަށް ޢަމަލީ ގޮތުން ފެނިގެންދާނެ ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ.





