މޫސުމަށް އަންނަ ބަދަލުތަކާއި ވައިގެ ތަޣައްޔަރުވުމާއި ފެން ތަޣައްޔަރުވުން ފަދަ ތިމާވެށީގެ ނުރައްކާތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ޗައިނާގެ ބެއިޖިންގްގައި ބާއްވަމުންދާ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުޞްޠަފާ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު އަޙްމަދު ނާޞިރު ބައިވެރިވެވަޑައިގެންފިއެވެ.
"ގްލޯބަލް ޗިލްޑްރަންސް އެންވަޔަރަންމަންޓަލް ހެލްތު ކޮންފަރެންސް" ގެ ނަމުގައި ބާއްވާ މި ކޮންފަރެންސް އިންތިޒާމުކޮށްފައިވަނީ ޔުނިސެފާއި އެ ޖަމްޢިއްޔާގެ ބައިވެރިން ގުޅިގެންނެވެ. އޭގެ މަޤްޞަދަކީ ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ޤާނޫނުތަކާއި ސިޔާސަތުތައް ހަރުދަނާކޮށް، ތަންފީޛީ ފިޔަވަޅުތައް ވަރުގަދަކުރުމަށް މަޝްވަރާކުރުމެވެ.
އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި ސިޔާސަތު އެކުލަވައިލާ ފަރާތްތަކާއި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާ މި ބައްދަލުވުމުގައި، ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން (އެންއޭޕީ) އާއި ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ފަދަ ޤައުމީ ސިޔާސަތުތަކުގައި މޫސުމީ ވިލުންވެރިކަމާއި ޞިއްޙީ ކަންކަން ހިމެނުމުގައި ރާއްޖެއިން ލިބިފައިވާ ތަޖުރިބާތައް ވެސް ދަނީ ޙިއްޞާކުރަމުންނެވެ.
ވުޒާރާއިން ބުނީ، މި ކޮންފަރެންސްގެ ސަބަބުން ތިމާވެއްޓާއި ޞިއްޙީ ދާއިރާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ތިމާވެށީގެ ސަބަބުން ކުޑަކުދިންގެ ޞިއްޙަތަށް ކުރިމަތިވާ ނުރައްކާތަކަށް ޢަމަލީ ގޮތުން ޙައްލު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
އަދި މި ބައްދަލުވުމުން ލިބޭ ޢިލްމާއި ގުޅުންތަކުގެ އެހީގައި، ދިވެހި ކުޑަކުދިންނަށް ޞިއްޙަތު ރަނގަޅު، ރައްކާތެރި އަދި މޫސުމީ ގޮތުން ވިލުންވެރި މާޙައުލެއް ޤާއިމުކޮށްދިނުމަށް ކުރިމަގުގައި އަޅާ ފިޔަވަޅުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.





