ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢަލީ ސަމީރު އައްޔަންކުރުމަށް ޖުޑީޝަރީ ކޮމިޓީން ރުހުން ދީފި

ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.

ސަމީރުގެ ނަން ދިރާސާކުރުމަށް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، އޭނާ އައްޔަންކުރުމަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

މި މަގާމު ހުސްވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަންނަ މަހު ރިޓަޔާކުރައްވާތީއެވެ. އެ މަގާމަށް ހުޅުވާލި ފުރުސަތުގައި ސަމީރުގެ އިތުރުން ކުރިމަތިލައްވާފައިވަނީ ހައި ކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ސަމީރު އައްޔަންކުރުމަށް ލަފާދިނުމުން، އެ ލަފާއާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސަމީރުގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ.

ޢަލީ ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް ކުރައްވާފައެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގަތުމަށް ފަހު، ސަމީރު ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް