ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި

ސަރުކާރުގެ ފަރާތުން ހުށަހެޅި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު، 44 މެންބަރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެފިއެވެ.

ބިލު ބަލައިނުގަތުމަށް އިދިކޮޅު 4 މެންބަރަކު ވޯޓު ދެއްވި އިރު، 7 މެންބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވައި ތިއްބެވިއެވެ. ބިލު އިތުރަށް ދިރާސާކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކޮންމެ މީހަކަށް ލިބިދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ކަށަވަރުކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ފަރުދުންގެ އަބުރު ރައްކާތެރިކުރުމާ ދެމެދު ހަމަހަމަކަމެއް ޤާއިމުކުރުމެވެ.

މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މިއީ އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އަބުރު ރައްކާތެރިކޮށްދިނުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެއް ކަމަށެވެ.

ބިލުގައިވާ ގޮތުން، އަބުރާ ބެހުމުގެ ސަބަބުން ލިބޭ މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދޭނީ، ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

މިފަދަ ދަޢުވާއެއް އުފުލަންވާނީ ޙައްޤު އުފަންވި ދުވަހުން ފެށިގެން 1 އަހަރުގެ ތެރޭގައި ކަމަށާއި، ކޯޓަށް ހުށަހަޅާތާ ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންވާނެ ކަމަށް ބިލުގައިވެއެވެ. ނަމަވެސް، ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ މައްޗަށް މިފަދަ ދަޢުވާއެއް ނުކުރެވޭނެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި އަދި ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކަތަކަށް ފުރިހަމަ އިމްތިޔާޒު ލިބޭނެ ކަމަށް ވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް