ޅ. ހިންނަވަރާއި ޅ. ނައިފަރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ކެމްޕަސްތައް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
އައިޔޫއެމްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ ރަށުގައި ކެމްޕަސް އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެ ދެ ރަށުގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ.
ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އާއި ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުއްރަހުމާނާއި ހިންނަވަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނަޒީހުގެ އިތުރުން ކައުންސިލް މެންބަރުންނާއި ރަށުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނައިފަރުގައި ބޭއްވި ރަސްމިއްޔާތުގައި ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ އާއި ނައިފަރު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދާއި ކައުންސިލް މެންބަރުންނާއި ރަށުގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެންބަރު މުޙައްމަދު އަބްދުއްރަހުމާން ވިދާޅުވީ، ހިންނަވަރުގެ ރައްޔިތުން މާލެއަށް ބަދަލުވާ އެންމެ މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ރަށުގައި ނެތުން ކަމަށެވެ. ޔުނިވަރސިޓީ ކެމްޕަހެއް ރަށުގައި ގާއިމުވުމުން، ސައެންޓިފިކް ވިސްނުންތެރި ސިކުނޑިތައް އެ ސަރަހައްދުގައި ތިބެގެން ޚިދުމަތްކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ވެސް މެންބަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއަކީ ރަށުގައި ހުރި ވަސީލަތްތައް ތަރައްގީކުރުމާއި މުޖުތަމައުގެ ދެމެހެއްޓެނިވި ކުރިއެރުމާ ސީދާ ގުޅިފައިވާ މަޝްރޫއެއް ކަމަށާއި، ކުރިމަގުގައި ހިންނަވަރަކީ ސަރަހައްދީ ތައުލީމީ މައި މަރުކަޒަކަށް ވެގެންދާނެ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.





