މޫސުމީ ނާޒުކުކަމަކީ ރާއްޖޭގެ މުސްތަޤުބަލު ކަނޑައަޅާ ކަމަކަށް ވެގެން ނުވާނެ ކަމަށާއި، ތަރައްޤީވެފައިވާ ދިވެހިރާއްޖެއަކަށް ވާޞިލުވެވޭނީ މޫސުމީ ބަދަލުތަކާ ކުރިމަތިލާނެ ވިލުންތެރި ޤައުމަކަށް ވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ގެ ހަވާސާގައި، އދ. ގެ ގްލޯބަލް ސެންޓަރ ފޯ ކްލައިމެޓް މޮބިލިޓީ (ޖީސީސީއެމް) އިން ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭގޮތުން ބޭއްވި ސެޝަނެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މޫސުމަށް ހޭނުމުގެ މަސައްކަތްތަކަކީ ކާރިސާއެއް ދިމާވުމުން ކުރާ ކަމަކަށް ވުމުގެ ބަދަލުގައި، ޤައުމީ ތަރައްޤީގެ ބައެއްގެ ގޮތުގައި ބިނާކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުޅުމާލެއާއި ރަސްމާލެ ފަދަ މަޝްރޫޢުތަކަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅުއްވާ ތަޞައްވުރުގެ ބައެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމަށް ހޭނުމަށް ތަރައްޤީވަމުންދާ ޤައުމުތަކަށް ދޭ އެހީއަކީ ހިލޭ އެހީގެ ގޮތުގައި ދޭންޖެހޭ އެހީއެއް ކަމަށާއި، އެއީ މޫސުމީ އިންޞާފާ ގުޅިފައިވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ބިމެއް ނޫން ކަމަށާއި، ރާއްޖޭގެ ސަރަޙައްދުން ކުޑަ މިންވަރެއް ގެއްލިގެން ދިޔުމަކީވެސް ޤައުމުގެ ސިޔާދަތަށް އަސަރުކުރާނެ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.





