ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި ބޭރު ފައިސާ މާރުކުރުމުގައި ލައިސަންސް އޮންނަ ރަސްމީ އެކްސްޗޭންޖުތައް އެކަނި ބޭނުންކުރުމަށް ފުލުހުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި ރިޕޯޓުކުރެވުނު މަކަރާއި ހީލަތުގެ 38 މައްސަލައިގެ ތެރެއިން އެންމެ ގިނައީ ޑޮލަރު މާރުކޮށްދޭނެ ކަމަށް ބުނެ ހިންގި 12 މައްސަލައެވެ. ދެވަނައަށް ގިނައީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ އީ-ކޮމާސް ސްކޭމްގެ 9 މައްސަލައެވެ.
މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 356،163.40 ރުފިޔާ ގެއްލިފައިވާއިރު، ކަމާ ގުޅޭ މުއައްސަސާތަކާއި ބޭންކުތަކާ ގުޅިގެން ކުރި މަސައްކަތުން 245،389.64 ރުފިޔާ ނުވަތަ 67.99 އިންސައްތަ ވަނީ އަނބުރާ ހޯދިފައެވެ. މިއީ މާލީ ކުށްތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރޭގައި، ހުއްދައެއް ނެތި އެކައުންޓުން މުއާމަލާތްކޮށްގެން ހިންގި 4 މައްސަލައާއި ކުރު މުއްދަތެއްގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ހިންގި އިންވެސްޓްމަންޓް ސްކޭމްގެ 4 މައްސަލަ ވެސް ހިމެނެއެވެ. އަދި ބުކިންގ ކެންސަލްކުރުން ނުވަތަ ރިފަންޑާ ގުޅޭ 3 މައްސަލައާއި، އޮޅިގެން ފައިސާ ފޮނުވިފައިވާ 3 މައްސަލައާއި، އެހެނިހެން ގޮތްގޮތަށް ހިންގާފައިވާ 3 މައްސަލަ ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އޮންލައިންކޮށް ވިޔަފާރިކުރާއިރު އިތުބާރު ނުކުރެވޭ ފަރާތްތަކަށް ކުރިއާލައި ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ފައިސާ ދައްކާ "ކޭޝް އޮން ޑެލިވަރީ" އުސޫލަށް އިސްކަންދިނުމަށް ވެސް ފުލުހުން ބާރުއަޅާފައިވެއެވެ.
އަދި ގާތް ރަޙުމަތްތެރިއެއް ނުވަތަ އާއިލާގެ މެންބަރެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖެއް ލިބިއްޖެ ނަމަވެސް، ފައިސާ ފޮނުވުމުގެ ކުރިން ސީދާ ފޯނުން ގުޅައި އެއީ ޞައްޙަ މުއާމަލާތެއްކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.





