ޖުމްހޫރީ ދުވަހަކީ ޖުމްހޫރީ އަސާސްތަކާއި ހަމަތަކުގެ މަތީގައި ދެމިތިބުމަށް ޢަޒުމް އާކުރަންވީ މުހިންމު ދުވަހެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ޖުމްހޫރީ ދުވަހާ ގުޅިގެން ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ، ޖުމްހޫރީ ނިޒާމެއްގައި ދައުލަތުގެ އެންމެހާ ބާރުތައް އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ.
"އަދި އެ ބާރަކީ ރައްޔިތުންގެ ނުހަނު ބޮޑު އަމާނާތެއް،" ސޯލިހު ވިދާޅުވިއެވެ. އެހެންކަމުން ޖުމްހޫރީ ދުވަހަކީ މި މަތިވެރި އަމާނާތު ހަނދާންކުރަންވީ ދުވަހެއް ކަމަށްވެސް ކުރީގެ ރައީސް ވިދާޅުވިއެވެ.





