58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ރައްޔިތުންނަށް ހެޔޮއެދުން ފޮނުއްވައިފި

ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މެސެޖު ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ 58 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ދިވެހި އުޚްތުންނާއި އަޚުންނަށް ދަންނަވާ ކަމަށް ވިދާޅުވެފައެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުވެސް ޖުމްހޫރީ ދުވަހާ ގުޅިގެން ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދިވަޑައިގެން، ޖުމްހޫރީ ވެރިކަމުގެ ހިޔަލުގައި ޤައުމަށް އިތުރު ކުރިއެރުމާއި ތަމައްދުން މާތްﷲ މިންވަރުކުރެއްވުމަށް ދުޢާކުރައްވާފައެވެ.

ދިވެހިރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު 11 ވަނަ ދުވަހު، ރަސްކަމުގެ ނިޒާމު ނިމުމަކަށް ގެނެސް ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އިޢުލާނުކުރެވުނު ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ. 1968 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި މަޤާމުގެ ހުވާކުރެއްވީ ރައީސް އިބްރާހީމް ނާޞިރެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔާއެއް އިޢުލާނުކުރެވުނީ 1953 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުއެވެ. އެ ފަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ މުޙައްމަދު އަމީނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް