ރަސްމާލޭގެ ފަރަށް އެރި ދޯނީގައި ތިބި 4 މީހުން އެމްއެންޑީއެފުން ސަލާމަތްކޮށްފި

ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް ރަސްމާލޭގެ އިރުމަތީ ފަރާތުގެ ފަރަށް އެރި "ކީސާ" ދޯނީގައި ތިބި ދިވެއްސަކާއި ތިން ބިދޭސީން އެމްއެންޑީއެފުން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ރޭ 23:51 ހާއިރު ލިބުމާއެކު، މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަނުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ދަތުރުކުރި ކަމަށެވެ.

ރޭ ދަންވަރު 02:37 ހާއިރު ކޯސްޓްގާޑުގެ ޑައިވަރުން ދޯނި އޮތް ސަރަހައްދަށް ގޮސް، ދޯނީގައި ތިބި ހަތަރު މީހުން ސަލާމަތްތެރިކަމާއެކު ހާބަރކްރާފްޓަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާގައި ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާވެފައިވާތީ، އޭނާ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ދޯނީގެ ވެރިފަރާތުން ގެނައި "އޯސަން ރައިޑް" ދޯނި ރޭގެ 03:37 ހާއިރު އެ ސަރަހައްދަށް ދިއުމުން، ފަޅުވެރިން އެ ދޯންޏަށް ބަދަލުކުރި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް