އިސްރާއީލުގެ މީހުން ރާއްޖެ އެތެރެވުން ދާއިމީކޮށް މަނާކުރުމުގެ ޚަބަރު ދުނިޔޭގެ މީޑިއާތަކުން ފާހަގަކޮށްފި

އިސްރާއީލުގެ ޕާސްޕޯޓު އޮންނަ މީހުން އެއްވެސް ޝަރުތަކާ ނުލައި ރާއްޖެ އެތެރެވުން ދާއިމީކޮށް މަނާކުރުމާއި، ރާއްޖޭގައި އެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭ ގޮތަށް ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ޚަބަރު، އިސްރާއީލުގެ "ދަ ޖެރުސަލަމް ޕޯސްޓް" ހިމެނޭ ގޮތަށް ދުނިޔޭގެ މީޑިއާތަކުން ފާހަގަކޮށްފިއެވެ.

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް، ސަރުކާރުން ވަނީ ގާނޫނީ ގޮތުން ދެ މުހިންމު ފިޔަވަޅެއް އަޅަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެއީ އިމިގްރޭޝަން ގާނޫނަށް ގެންނަ ބަދަލާއި، ރިއަލް އެސްޓޭޓް ބިލެވެ.

އިސްރާއީލުގެ ސަރުކާރުގެ ނުފޫޒު އޮންނަ "ދަ ޖެރުސަލަމް ޕޯސްޓް" ގައި ބުނެފައިވަނީ، އިސްރާއީލާ ދެކޮޅަށް ރާއްޖެއިން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ. ބައިނަލްއަޤުވާމީ ކޯޓު (އައިސީޖޭ) ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ކުރިއަށް ގެންދާ މައްސަލައިގެ ތެރެއަށް ރާއްޖެ ރަސްމީކޮށް ވަދެފައިވާކަން ވެސް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.

ރިއަލް އެސްޓޭޓް ބިލުގެ ދަށުން، ރަސްމާލޭގެ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުން މުދާ ގަތުމާއި ބިން ސަބްލީޒްކުރުމުގެ ފުރުޞަތު، އިސްރާއީލުގެ ރައްޔިތުންނަށާއި އެ ޤައުމުގެ ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ކޮންޓްރޯލް އޮންނަ ފަރާތްތަކަށް ނުލިބޭނެއެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން، ކޮންމެ ހާލަތެއްގައި ވެސް އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މުޅިން މަނާވާނެ ކަމަށެވެ. ޑުއަލް ޕާސްޕޯޓު އޮންނަ އިސްރާއީލުގެ މީހުންނަށް ވެސް ރާއްޖެ އެތެރެވުމުގެ ފުރުޞަތު ބަންދުވާނެއެވެ.

މީގެ ކުރިން ހުށަހެޅުނު އިސްލާހުގައި އޮތީ، 7 އޮކްޓޫބަރު 2023 ގައި އިސްރާއީލުން ޣައްޒާގައި ފެށި ގަތުލުއާންމު ހުއްޓާލުމާ ހަމައަށް އެތެރެވުން މަނާކުރުމަށެވެ. ނަމަވެސް މިހާރު މަޖިލީހަށް ފޮނުވާފައިވާ ބިލުގައި ވަކި މުއްދަތެއް ކަނޑަނާޅައި، ދާއިމީކޮށް އެކަން މަނާކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އަބަދުވެސް އެންމެ އިސްކަމެއް ދެވޭނީ ފަލަސްތީނުގެ މައްސަލައަށް ކަމަށް ރައީސް މުޢިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް