އިންފްލުއެންޒާއާއި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މިދުވަސްވަރު އިންފްލުއެންޒާއާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، ވިއްސާރަވުމާ ގުޅިގެން ފެން ހަރުލާ ގޮތަށް ހުންނަ ތަކެތީގައި އެޑިސް މަދިރި އާލާވާ މިންވަރު އިތުރުވެ، ޑެންގީ ހުމާއި ޗިކުންގުންޔާ ފަދަ ބަލިތައް ފެތުރުމުގެ ފުރުޞަތުވެސް ބޮޑުވެފައިވާ ކަމަށެވެ.

އިންފްލުއެންޒާއަކީ އަލާމާތްތަކުގެ ގޮތުން އާދައިގެ ރޯގާއާ އެއްގޮތް ބައްޔެއް ނަމަވެސް، އެއީ އާދައިގެ ރޯގާއަށްވުރެ ނުރައްކާތެރި ބައްޔެއް ކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ. މިފަދަ ބަލިތަކުގެ ނުރައްކާ ބޮޑީ ކުޑަކުދިންނަށާއި، ދުވަސްވީ މީހުންނަށާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.

ބަލިތަކުން ރައްކާތެރިވުމަށް ސައިބޯނި ލައިގެން ގަވާއިދުން އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށާއި، ކެއްސާއި ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ރޯގާގެ އަލާމާތެއް ހުރެއްޖެނަމަ މާސްކު އަޅައި، މީހުން އެއްވާ ތަންތަނަށް ނުދިއުމަށްވެސް އެދިފައިވެއެވެ.

މީގެ އިތުރުން، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އަޅައި މަދިރި ލޯޝަން ބޭނުންކުރުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.

ބަލިޖެހިއްޖެނަމަ އަރާމުކޮށް ގިނައިން ދިޔާ ތަކެތި ބުއިމަށް އެދިފައިވާއިރު، ތިން ދުވަހަށްވުރެ ގިނައިން ހުން ދެމިހުރެއްޖެނަމަ، ވާގިނެތިއްޖެނަމަ ނުވަތަ ކާތަކެތި ނުހިފެހެއްޓިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ. ޚާއްޞަކޮށް ފަސް އަހަރުން ދަށުގެ ކުދިންގެ ހާލަތު ސީރިއަސްވުމުގެ ފުރުޞަތު ބޮޑުވާތީ، އެފަދަ ކުދިންނަށް އަވަހަށް ޞިއްޙީ ފަރުވާ ހޯދުމަށްވެސް އެދިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް