ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ ގާތްގަނޑަކަށް 50 ރިސޯޓުން ކަމަށާއި، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ރިސޯޓުތައްވެސް އޮޑިޓްކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މިހެން ވިދާޅުވީ، 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ހޯދުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޒިންމާއެއް ކަމުގައި ވިޔަސް، އެ ޓެކްސް ނުދައްކާ ރިސޯޓުތައް ގިނަ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. މީރާއިން ހިއްސާކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ޓެކްސް ދައްކަނީ 50 ވަރަކަށް ރިސޯޓުން ކަމަށާއި، އޭގެ މާނައަކީ ފައިދާ ނުވުން ނުވަތަ ކޮންމެވެސް ކަހަލަ މައްސަލަތަކެއް އުޅުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންވީމާ އޮޑިޓްކުރަން އެބަޖެހޭ ނޫންތޯ؟ އޮޑިޓްކުރަން އެބަޖެހޭ އެ ބޭފުޅުންގެ ހިސާބުތައް. އެހެންވީމާ ކަންމަތީ ފިހާރައަށް އެކަންޏެއް ނޫން މީރާ ދާންވީކީ. އަޅުގަނޑުމެންގެ ޓޫރިޒަމްގެ ހުރި ހިސާބުތައް ރަނގަޅުތޯ ވެސް ބަލަން އެބަޖެހޭ،" ގަވަރުނަރު ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ސިނާޢަތަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވަންނަނީ އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރެވެ. ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިންގ ނިޒާމުގެ ތެރެއަށް ވަންނަން ޖެހޭ ކަމަށާއި، އެކަމަށްޓަކައި މިހާރު ވަރަށް ގާތުން މޮނިޓަރ ކުރަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ލިބޭ ހުރިހާ ޑޮލަރެއް ބޭންކިންގ ނިޒާމުގެ ތެރެއަށް ވަންނަނަމަ، އެއީ ރައްޔިތުންގެ ބޭނުންތަކަށް ފުދޭވަރުގެ އަދަދެއް ކަމަށް ގަވަރުނަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން، ކޮންމެ ޑޮލަރެއް ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށް އެމްއެމްއޭއިން ކުރާ މަސައްކަތް އަންނަ އަހަރު އިތުރަށް ހަރުކަށިކުރާނެ ކަމަށާއި، ނަމަވެސް ޑޮލަރުގެ ދަތިކަން އެއް ދުވަހުން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޑޮލަރުގެ އަގު ބާޒާރުގައި ބަދަލުވާން ދޫކޮށްލުމަށް (ފްލޯޓްކުރުމަށް) ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އެއީ ކުރެވޭނެ ކަމެއް ނަމަ ކުރީގެ ސަރުކާރުތަކުން އެކަން ނުކުރީ ކީއްވެތޯ ގަވަރުނަރު ސުވާލު އުފެއްދެވި އެވެ. ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ކަނޑައަޅަމުން ދަނީ ކަޅު ބާޒާރުގައި ކަމަށާއި، އެއީ ޑޮލަރު ރޭޓް ފްލޯޓް ނުކުރެވޭ ސަބަބު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީރާއިން އެންމެފަހުން ނެރުނު އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ޖުމްލަ 43 ވިޔަފާރިއެއް ހިމެނޭއިރު، އޭގެ ތެރޭގައި ތިން ރިސޯޓެއްވެސް ހިމެނެއެވެ.





