ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކޮށްފައިވާ ހައުސިންގ ޔުނިޓުތައް ހުއްދަ ނެތި އެހެން ބަޔަކަށް ކުއްޔަށް ދިން ހަތް ފަރާތެއް ޖޫރިމަނާކޮށް، ދެ ފަރާތަކަށް އިންޒާރުދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، ހައުސިންގ ޔުނިޓުތަކާ ގުޅޭ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފުވި 92 މައްސަލައެއް މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހުއްދަ ނެތި ޔުނިޓުތައް ކުއްޔަށް ދިނުމުގެ 18 މައްސަލަ ހިމެނޭއިރު، ބާކީ މައްސަލަތައް ތަހުގީގުކުރަމުން ދާ ކަމަށް އެފްޑީސީން ބުނެއެވެ.
އެފްޑީސީއަށް އެންމެ ގިނައިން ރިޕޯޓުވެފައިވަނީ ހުއްދަ ހޯދުމަކާ ނުލައި ފްލެޓުތަކަށް ބަދަލު ގެނައުމުގެ މައްސަލަތަކެވެ. އެފަދަ 44 މައްސަލަ ފާހަގަކުރެވުނުއިރު، އޭގެ ތެރެއިން 14 ފަރާތެއް ޖޫރިމަނާކޮށް، އެއް ފަރާތަކަށް އިންޒާރުގެ ނޯޓިހެއް ފޮނުވާފައިވެއެވެ.
މީގެ އިތުރުން، އާންމު ސަރަހައްދުތަކަށް ގެއްލުން ދިނުމާއި ކުނި އެޅުމުގެ ގަވާއިދާ ހިލާފުވުމުގެ މައްސަލަތަކުގައިވެސް ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅައި އިންޒާރުދީފައިވާ ކަމަށް އެފްޑީސީން ބުނެއެވެ.
ކުލި ދެއްކުމުގެ ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް 3،432 ޔުނިޓަކުން ގަވާއިދުން ކުލި ދައްކަމުން ދާއިރު، ކުލި ނުދައްކައި ހުރި ޔުނިޓުތަކުގެ އަދަދު 495 އަށް ދަށްވެފައިވާ ކަމަށް އެފްޑީސީން ބުނެއެވެ.
ފްލެޓުތަކުގައި ދިރިއުޅޭ ހުރިހާ އާއިލާތަކަކަށް އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި، ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވެ އެއްބާރުލުން ދިނުމަށް އެފްޑީސީން ވަނީ އެދިފައެވެ.





