ފެނާއި ނަރުދަމާގެ ވިއުގަ ފުޅާކުރުމަށް ހަ ރަށެއްގެ މަޝްރޫއު ސްޓެލްކޯއާ ހަވާލުކޮށްފި

ފަތުރުވެރިކަމުގެ ހަތަރު ޒޯނަކާއި، އަލަށް މީހުން އާބާދުވަމުން އަންނަ ދެ ރަށެއްގެ ސަރަހައްދުތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުތައް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ފާރިޝް ޔޫސުފެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ކަމުގައިވާ އާއިޝަތު މުޒްނާ އަދި އަބްދުﷲ ނާޒިރެވެ.

ފެނާއި ނަރުދަމާގެ ނެޓްވޯކް ފުޅާކުރާ ޓޫރިޒަމް ޒޯންތަކަކީ ހއ. އުލިގަމު، ހއ. މޮޅަދޫ، ރ. ކިނޮޅަސް އަދި ބ. މާޅޮހެވެ. އަދި ހއ. އިހަވަންދޫ އާއި ރ. އިންނަމާދޫގައި އަލަށް އާބާދުވަމުން އަންނަ ސަރަހައްދުތަކަށްވެސް މި ހިދުމަތް ފޯރުކޮށްދޭނެއެވެ.

މި މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުރީ ހއ. މޮޅަދޫގެ މަޝްރޫއުގައެވެ. އެ މަޝްރޫއަށް 29 މިލިއަން ރުފިޔާ ހަރަދުވާއިރު، ހއ. އުލިގަމުގެ މަޝްރޫއަށް 22.3 މިލިއަން ރުފިޔާ، ރ. އިންނަމާދޫގެ މަޝްރޫއަށް 19.1 މިލިއަން ރުފިޔާ، ރ. ކިނޮޅަހުގެ މަޝްރޫއަށް 18 މިލިއަން ރުފިޔާ އަދި ހއ. އިހަވަންދޫގެ މަޝްރޫއަށް 17 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. މި ފަސް މަޝްރޫއު ނިންމަން ދީފައިވަނީ އެއް އަހަރުގެ މުއްދަތެވެ. ބ. މާޅޮހުގެ 10.7 މިލިއަން ރުފިޔާގެ މަޝްރޫއު ނިންމަންޖެހޭނީ 270 ދުވަހުގެ ތެރޭގައެވެ.

ވުޒާރާއިން ވަނީ މި މަޝްރޫއުތަކުގެ ބޭނުމަކީ ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް ހަރުދަނާކޮށް، މި ހިދުމަތްތައް ރައްޔިތުންނަށް މެދުނުކެނޑި، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް