ކާބޯތަކެތި ބަންދުކުރާ ކްލިންގް ފިލްމާއި ފުޑް ރެޕިންއިން ދެން ޑިއުޓީ ނުނަގާނެ

ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކްލިންގް ފިލްމާއި ފުޑް ރެޕިންއިން ޑިއުޓީ ނުނަގާ ގޮތަށް، މުދާ އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމުގެ ގަވާއިދަށް ބަދަލު ގެނެސް، އެ ބަދަލަށް އަމަލުކުރަން ފަށައިފިއެވެ.

އެ ގަވާއިދުގެ 30 ވަނަ މާއްދާއަށް އިސްލާހު ގެނެސް، އިކޮނޮމިކް މިނިސްޓްރީން އެ އިސްލާހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ އިއްޔެއެވެ.

ބަދަލު ގެނެސްފައިވަނީ ގަވާއިދުގެ 30 ވަނަ މާއްދާގެ (ޅ)ގެ (2) ވަނަ ނަންބަރަށެވެ. އެ ނަންބަރުގައި ބަޔާންކޮށްފައިވަނީ، އިމްޕޯޓް އެކްސްޕޯޓް ޤާނޫނުގެ 39 ވަނަ ބާބުގެ (ޏ)ގައި ބަޔާންކޮށްފައިވާ، ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ޑިއުޓީ ނުނެގޭނެ ތަކެއްޗެވެ.

މީގެ ކުރިން ގަވާއިދުގައި އޮތް ގޮތުން ޑިއުޓީ ނުނަގަނީ، ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ފިލްމާއި ޝީޓު އަދި ޓިއުބް ރޯލުން އެކަންޏެވެ. އަދި ވަގުތީ ގޮތުން ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކްލިންގް ފިލްމާއި ފުޑް ރެޕިން، އެ އިސްތިސްނާގެ ތެރޭގައި ނުހިމެނޭނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައި އޮތެވެ.

ނަމަވެސް އަލަށް ގެނައި އިސްލާހާއެކު، މީގެ ކުރިން އިސްތިސްނާކޮށްފައި އޮތް ކްލިންގް ފިލްމާއި ފުޑް ރެޕިންއިން ވެސް ދެން ޑިއުޓީއެއް ނުނަގާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް