އެސްޓީއޯ ފިހާރައަށް ގެންދިޔަ 300 މަސްދަޅު ކޭސް ގެއްލުވާލި ކައްޕި 114،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ލ. ފޮނަދޫ އެސްޓީއޯ ފިހާރައަށް ގެންދިއުމަށް ބޯޓަކަށް އެރުވި 300 މަސްދަޅު ކޭސް އެ ފިހާރައާ ހަވާލުނުކޮށް ގެއްލުވާލި މައްސަލައިގައި، އެ ބޯޓުގެ ކައްޕި 114،000 ރުފިޔާއިން ޖޫރިމަނާކޮށް، ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވީ ޅ. ހިންނަވަރު، މުޙައްމަދު ފަޔާޟްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި ހާދިސާ ހިނގީ 2018 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެސްޓީއޯއިން ކުއްޔަށް ހިފި ބޯޓަށް ފޮނަދޫ ފިހާރައަށް ގެންދިއުމަށް 192،000 ރުފިޔާގެ އަގުހުރި މަސްދަޅު ކޭސްތައް އަރުވާފައިވީ ނަމަވެސް، ބޯޓު އެ ރަށަށް ދިޔުމުން ކޭސްތައް ފިހާރައަށް ބޭލުމުގެ ބަދަލުގައި ކައްޕި ވަނީ ރޭގަނޑުގެ ވަގުތެއްގައި އެހެން އުޅަނދުތަކަކަށް އަރުވައިގެން އެ ތަކެތި ކައިރި ރަށަކަށް ފޮނުވާލާފައެވެ. މިކަން ވަނީ ހެކިންގެ ބަހުން ސާބިތުވެފައެވެ.

މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް މައްސަލަ ނިމެން ގިނަ ދުވަސް ނެގުމާއި އޭނާގެ އާއިލީ ހާލަތަށް ބަލައި، ކޯޓުން ވަނީ ޖަލު އަދަބުގެ ބޮޑު ބައި ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް