މަސްދަޅު ކޭސް ވިއްކުމުގައި އެއްވެސް ހިފެހެއްޓުމެއް ނުގެންގުޅެން: މިފްކޯ

މާލެއާއި އަތޮޅުތަކުގެ ބައެއް ފިހާރަތަކުން ތެޔޮމަސްދަޅު ކޭސް ލިބުން ދަތިވެފައިވާ ކަމަށް ބުނެ އަޑުފެތުރެމުންދާ ދަނޑިވަޅެއްގައި، މަސްދަޅު ކޭސް ވިއްކުމުގައި އެއްވެސް ހިފެހެއްޓުމެއް ނުގެންގުޅޭ ކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ބުނެފިއެވެ.

މިކަމާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި މޫސުން ގޯސްވުމުގެ ސަބަބުން މަސްދަޅު ކޭސް އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ކުޑަ ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށެވެ.

އެގޮތުން މިފްކޯގެ ހުރިހާ ފިހާރަތަކާއި އައުޓްލެޓްތަކުން ވަކިވަކި މަސްދަޅާއި މަސްދަޅު ކޭސް މިހާރު ދަތިކަމެއް ނެތި ލިބެން ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރީޓެއިލް ފިހާރަތަކުން ތެޔޮމަސްދަޅު ކޭސް ލިބުން ދަތިވުމާއެކު، މިފްކޯގެ ބައެއް އައުޓްލެޓްތަކުން މަސްދަޅު ވިއްކުން ހިފަހައްޓާފައިވާ ކަމަށްވެސް ވާހަކަ ފެތުރިފައިވެއެވެ.

މިފްކޯގެ "ފަސްމީރު" ބްރޭންޑުގެ ތެޔޮ މަސްދަޅަކީ އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ޑިމާންޑު ބޮޑު، ގޭބިސީތަކުގައި ކެއިންބުއިމަށް ގިނައިން ބޭނުންކުރާ އުފެއްދުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް