އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ބަލިމީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްޞަ ސިސްޓަމެއް ތައާރަފުކޮށްފިއެވެ.
"ސޭފްޓީ އިންސިޑެންޓް ރިޕޯޓިންގ އެންޑް ލާނިންގ ސިސްޓަމް" ގެ ނަމުގައި ތައާރަފުކުރި މި ސިސްޓަމް ތަރައްގީކޮށްފައިވަނީ އޭއީއެޗްގެ އައިސީޓީ ޑިޕާޓްމަންޓުންނެވެ. ހޮސްޕިޓަލުން ބުނީ، މިއީ އެތަނުގައި ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތައް ރިޕޯޓުކުރުން ފަސޭހަކޮށްދީ، ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އެހީތެރިވުމުގެ ގޮތުން ތައްޔާރުކުރި ސިސްޓަމެއް ކަމަށެވެ.
މި ސިސްޓަމް މެދުވެރިކޮށް ހިނގާ ހާދިސާތަކާއި، ނުރައްކަލަށް ހުށަހެޅިދާނެ ފަދަ ހާދިސާތަކުގެ އިތުރުން ނުރައްކާތެރި ހާލަތްތައް ރިޕޯޓުކުރެވޭނެއެވެ. އަދި މައްސަލަތައް ރިޕޯޓުކުރާ މުވައްޒަފުން ކުށްވެރިކުރުމުގެ ވިސްނުން ނައްތާލައި، މިނިވަންކަމާއެކު ކަންބޮޑުވުންތައް ފާޅުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން، ރިޕޯޓުކުރާ މީހާ ކާކުކަން ނޭނގޭ ގޮތަށްވެސް ރިޕޯޓުކުރެވޭނެއެވެ.
ހާދިސާތައް ރިޕޯޓުކުރުމުގެ އިތުރުން، ހިނގާފައިވާ ހާދިސާތައް މުރާޖަޢާކުރުމާއި، އިސްލާހީ ފިޔަވަޅުތައް އެޅޭ މިންވަރު ބެލުމާއި، ތަކުރާރުވަމުންދާ ނުރައްކާތައް ދެނެގަނެވޭނެ ކަމަށްވެސް އޭއީއެޗުން ބުނެއެވެ. އަދި މިފަދަ ކޮންމެ ރިޕޯޓަކީ ކަންކަން ރަނގަޅުކުރުމަށާއި، ކުރިއަށް އޮތް ތަނުގައި ހާދިސާތައް ހިނގުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިއީ އޭއީއެޗް ޑިޖިޓަލްކުރުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.





