ކުދި ޖަޒީރާ ޤައުމުތަކަށް ފަސޭހައިން އެހީ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ކޮޕް31 ގައި ރާއްޖެއިން އެދެފި

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ޕްލެނަރީ ސެޝަންގައި ރާއްޖެއިން ވަނީ، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު ކުދި ޖަޒީރާ ޤައުމުތަކުގެ ވިލުންވެރިކަން އިތުރުކުރުމަށާއި ތިމާވެށީގެ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކޮށްފައެވެ.

މީގެއިތުރުން، ތަރައްޤީވަމުން އަންނަ މިފަދަ ކުދި ޤައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ސަމިޓުގައި ރާއްޖެ ތަމްސީލުކުރަމުން ގެންދަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުން ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.

އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މައި މުއާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް، ކޮޕް31 ބާއްވަނީ ތުރުކީވިލާތުގެ އަންތާލިޔާގައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ މަންދޫބުން ބައިވެރިވާ މި ސަމިޓުގައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތަކާއި ދުނިޔޭގެ ފިނިހޫނުމިން ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ޤައުމުތަކުން ވެފައިވާ ވައުދުތައް ފުއްދުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް