ކާރިސާތަކަށް މުޖުތަމައު އަހުލުވެރިކުރުވުމާއި ކުރިއާލައި އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ "ޓްރެކްޓް" ޕްރޮޖެކްޓުގެ ދަށުން ކަނޑައެޅިފައިވާ މުހިންމު ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަންފީޒުކުރުމަށެވެ. މާލޭގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދެ ފަރާތުގެ އިސްވެރިން ބައިވެރިވިއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު މުޖުތަމައުގައި އިތުރުކުރުމާއި، ކާރިސާތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.
މީގެ އިތުރުން، ރައްޔިތުންގެ ބައިވެރިވުމާއެކު އެކި ބާވަތުގެ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރިއާލައި އިންޒާރުދޭ ނިޒާމުތައް ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެކެވެ.
މި އެއްބަސްވުމުގެ ސަބަބުން، މޫސުމީ ބަދަލުތަކާއި ގުދުރަތީ ގޮތުން ދިމާވާ އެކިއެކި ކާރިސާތަކުން ރައްކާތެރިވުމަށް ރަށްރަށުގެ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ކުއްލި ހާލަތްތަކުގައި އަވަހަށް މައުލޫމާތު ފޯރުކޮށްދީ، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެޅެންހުރި ފިޔަވަޅުތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.





