މާލެ އަތޮޅުގެ ރިސޯޓެއްގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، އެ ލޯންޗުގެ ކެޕްޓަން، އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ފިހިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ރޭ ދަންވަރު ގާތްގަނޑަކަށް 3:00 ހާއިރު ހިނގި މި ހާދިސާގައި ކެޕްޓަންގެ ކަރާއި މޭމަތި ފިހިފައިވާ ކަމަށެވެ. އަލިފާން ރޯވި ވަގުތު ލޯންޗުގައި ހުރީ ހަމައެކަނި ކެޕްޓަން ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 5:30 ހާއިރުއެވެ. އަލިފާނުގެ ސަބަބުން ލޯންޗަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
ލޯންޗުގައި އަލިފާން ރޯވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.





