ހުޅުމާލެ ފޭސް ދޭއްގެ ޓަވަރެއްގައި ނިވާކަން ކުޑަ ހެދުމެއްގައި މަސްތުގެ ހާލަތުގައި ތިބެ، ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދިން ތުހުމަތުގައި ބަންގްލަދޭޝްގެ ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ ދެ މީހުން އަޑުގަދަކޮށް ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ދެ މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.





