"ޑިޖިޓަލް ފޯ އޯލް" ކެމްޕެއިންގެ ދަށުން، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ޑިޖިޓަލް އަދި އޭއައި ބޭނުންކުރުމުގެ އަސާސީ ހުނަރުތަކުގެ ތަމްރީނު ޕްރޮގްރާމެއް ހިންގަން ފަށައިފިއެވެ.
މައިންޑްކޯއިން ބުނީ، "މޯލްޑިވްސް 2.0" ގެ ދަށުން ޤައުމީ ފެންވަރުގައި ޑިޖިޓަލް ޤާބިލުކަން އިތުރުކުރުމަށް ހިންގާ "ޑިޖިޓަލް ފޯ އޯލް" ކެމްޕެއިނުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެހީތެރިކަމާއެކު "ޑިޖިޓަލް އެންޑް އޭއައި އެސެންޝަލްސް" ތަމްރީނު ޕްރޮގްރާމް މި މަހު ހިންގަން ފަށާފައިވާ ކަމަށެވެ. މި ޕްރޮގްރާމް ހިންގަނީ ރައީސް އޮފީހުގެ މުވައްޒަފުންނާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށްގެންނެވެ.
ސިޔާސީ މަޤާމުތަކަށް ޢައްޔަންކޮށްފައިވާ ބޭފުޅުންނަށް ހިންގާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗު ވަނީ ހުސްވި ހަފުތާގައި ރައީސް އޮފީހުގައި ބާއްވާފައެވެ. ދެވަނަ ބެޗުގެ ތަމްރީނުތައް މި މަހުގެ 8 އަދި 9 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދާއިރު، މިހާތަނަށް 130 އަށްވުރެ ގިނަ ބޭފުޅުން ވަނީ މި ތަމްރީނުތަކުގައި ބައިވެރިވެފައެވެ.
ކެމްޕެއިންގެ އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން ސިޔާސީ މަޤާމުތަކަށް ޢައްޔަންކޮށްފައިވާ ގިނަ މުވައްޒަފުންނަށް ޓެކްނޮލޮޖީއާ ގުޅުންހުރި މި އަސާސީ ތަމްރީނު ފޯރުކޮށްދިނުމެވެ. ސަރުކާރުގެ ކޮންމެ މުވައްޒަފަކަށް ވެސް އައު ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމަށް ބޭނުންވާ ޢިލްމާއި ހުނަރު ލިބިފައިވާކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު "މޯލްޑިވްސް 2.0" ރޯޑްމެޕްގެ 7 ވަނަ ތަނބުގެ ދަށުން ހާސިލުކުރަން ބޭނުންވާ މުހިންމު އަމާޒެކެވެ.
މައިންޑްކޯގެ ފިއުޗަރ އިންސްޓިޓިއުޓުން ކުރިއަށްގެންދާ މި ތަމްރީނުގައި، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި އޭއައި އެހީތެރިވެދޭނެ ގޮތްތަކާއި، އޭއައި ޓޫލްސް ބޭނުންކުރާނެ ގޮތާއި، ޒިންމާދާރު ގޮތެއްގައި އޭއައި ބޭނުންކުރުމާއި، އޭއައިން އުފައްދާ މަޢުލޫމާތާމެދު ފުންކޮށް ވަޒަންކުރާނެ ގޮތްތައް ދަސްކޮށްދެއެވެ. މީގެ އިތުރުން، އޭއައި ބޭނުންކުރުމުގައި ދިމާވެދާނެ ނުރައްކާތައް ދެނެގަތުމާއި، މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ހުނަރުތައް ވެސް ފޯރުކޮށްދެއެވެ.
މި ތަމްރީނު ޕްރޮގްރާމްތައް ފެށުމަށްފަހު "ޑިޖިޓަލް ފޯ އޯލް" އިން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާއި، އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުން ވެސް ތަމްރީނުގައި ބައިވެރިކޮށްފައެވެ. މޯލްޑިވްސް ޕޯޓްސް އަކީ މި ހަރަކާތުގައި ބައިވެރިވި ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުންޏެވެ.
މި ކެމްޕެއިން މިހާރު ދައުލަތުގެ 8 މުއައްސަސާއަކަށް ފުޅާކުރެވިފައިވާއިރު، 15 ސެޕްޓެމްބަރު 2026 ގައި ތަމްރީނު ސެޝަންތައް ފެށުމަށްފަހު ދައުލަތުގެ 600 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ތަމްރީނުކުރެވިފައެވެ.





