ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ބެހިގެންދާނެ އިންތިޒާމު ހަމަޖެއްސުމުގެ ބޭނުމުގައި، "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ)" ގެ ނަމުގައި ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.
ރައީސް އޮފީހުން ބުނީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ޤުދުރަތީ ވަސީލަތްތަކުގެ އަގު މަތިކޮށް، ދައުލަތަށާއި އަންނަން އޮތް ޖީލުތަކަށް ދިގު މުއްދަތުގެ މަންފާ ލިބިދެވޭނެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމަކީ ވެސް މި ކުންފުނި އުފެއްދި ބޭނުން ކަމަށެވެ.
މި ކުންފުނިން ތިމާވެށި ރައްކާތެރިކުރުމާއި އިޢާދަކުރަނިވި ހަކަތައަށް އިސްކަންދީގެން، ބައިނަލްއަޤްވާމީ ފެންވަރުގެ ރިސޯޓުތަކާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް ހިންގާނެއެވެ. އަދި ދިވެހިންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީ، ޤައުމީ އިޤްތިޞާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ރާއްޖޭގެ އަދި ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ވާދަވެރި ފަތުރުވެރިކަމުގެ ވިޔަފާރީގެ ވެއްޓެއް ބިނާކުރުމަށް ވެސް މަސައްކަތްކުރާނެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ކޮންމެ ދިވެއްސެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ހުރިހާ ރިސޯޓެއްގެ ހިއްސާދާރަކީ ކޮންމެ ދިވެހި ރައްޔިތެއް ކަމުގައި ޤާނޫނަކުން ކަނޑައަޅުއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.





