މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޒަކާތުގެ ގޮތުގައި 29.86 މިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މުދަލުގެ ޒަކާތުގެ ގޮތުގައި 29.86 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.9 އިންސައްތައިގެ އިތުރުވުމެއް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

ޒަކާތު ހައުސްއިން ނެރުނު މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބު ރިޕޯޓުގައިވާ ގޮތުން، ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގައި ޖުމްލަ 29،856،552 ރުފިޔާ ލިބިފައިވެއެވެ. 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނީ 26،217،898.70 ރުފިޔާ ކަމުން، މިއީ ގާތްގަނޑަކަށް 3.64 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

މި މުއްދަތުގައި ޒަކާތް ހައްޤުވާ އެކި ބައިތަކަށް ޒަކާތުގެ އެހީގެ ގޮތުގައި ޖުމްލަ 15،306،546.64 ރުފިޔާ ބަހާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.

އެހީގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފީސަބީލިﷲގެ ބަޔަށް ކަމަށާއި، އެ ބަޔަށް 9.08 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. ފަޤީރުންނާއި މިސްކީނުންގެ ބަޔަށް 5.46 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ.

މި ތަފާސްހިސާބުތައް އެކުލަވާލާފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ އެސްއޭޕީ ސިސްޓަމުގައިވާ ރެކޯޑުތަކަށް ބިނާކޮށް ކަމަށާއި، ފަހުން ގެނެވޭ ބަދަލުތަކާއި އިތުރު ޕޯސްޓިންގތަކާ ގުޅިގެން މި އަދަދުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވެސް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް