މިނިސްޓަރު ޝަރީފް މޫސުން އެޕާއި މެޓް އޮފީހުގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވައިފި

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓަރު އަލީ ޝަރީފް، ޒަމާނީ ބަދަލުތަކާއެކު އަލުން ފަރުމާކުރި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ ރަސްމީ ވެބްސައިޓާއި "މޫސުން" އެޕްލިކޭޝަން މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

މި ޑިޖިޓަލް ޕްލެޓްފޯމްތައް ތަރައްގީކޮށްފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަގުތުން ވަގުތަށް ބޭނުންވާ މޫސުމީ މައުލޫމާތާއި ދުރާލާ އިންޒާރުދޭ ނިޒާމުގެ ހިދުމަތްތައް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް، މެޓް އޮފީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ހިންގާ "ތައްޔާރު" ޕްރޮޖެކްޓްގެ ދަށުންނެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، މި ޕްލެޓްފޯމްތައް ފަރުމާކޮށްފައިވަނީ މޫސުމީ ސްޓޭޝަންތަކުން ލިބޭ މައުލޫމާތާއި ހައި-ރިޒޮލިއުޝަން ނިއުމެރިކަލް މޮޑެލްތަކުގެ އިތުރުން ސެޓެލައިޓް ފޮޓޯތައް އެއްކޮށްލައިގެން، ވަކިވަކި ސަރަހައްދުތަކަށް ހާއްސަކޮށްގެން މޫސުން ލަފާކުރާ ގޮތް ބެލޭ ގޮތަށް ކަމަށެވެ.

އާންމުންނާއި ދަތުރުފަތުރުކުރާ މީހުންނާއި އެކި ހަފްލާތައް އިންތިޒާމުކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވާ މި ވެބްސައިޓާއި އެޕް މެދުވެރިކޮށް، ވަގުތުން ވަގުތަށް މޫސުމީ ހާލަތު ދެނެގަތުމާއި ދިޔަވަރު ތާވަލުތަކާއި ކަނޑުގެ ހާލަތު އަދި މޫސުމީ ކުއްލި އިންޒާރުތަކުގެ ނޮޓިފިކޭޝަންތައް ބަލާލެވޭނެއެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި، ކުރީގެ އެޕްލިކޭޝަނުން މައުލޫމާތު ލިބުނީ ރާއްޖޭގެ ފަސް ސްޓޭޝަނަކުން ނަމަވެސް، އާ ބަދަލުތަކާއެކު މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކާއި އެއާޕޯޓުތަކާއި ފަޅުރަށްތައް ހިމެނޭހެން 516 ސަރަހައްދެއްގެ މޫސުމީ މައުލޫމާތު މިހާރު ލިބޭނެއެވެ. ދިވެހި އަދި އިނގިރޭސި ބަހުން ބޭނުންކުރެވޭ މި އެޕުގައި މޫސުން ލަފާކުރާ ގޮތް ކޮންމެ ތިން ގަޑިއިރަކުން އަޕްޑޭޓުވާނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝަރީފް ވިދާޅުވީ، މި ބަދަލުގެ މައިގަނޑު ބޭނުމަކީ އާންމުންނަށް ބޭނުންކުރުމުގައި ލުއިފަސޭހަ، ދުވަހުން ދުވަހަށް މޫސުމާ ގުޅޭ އެންމެ ސައްހަ އަދި ތަފްސީލީ މައުލޫމާތު ލިބޭނެ ފުރިހަމަ ވަސީލަތެއް ފޯރުކޮށްދިނުން ކަމަށެވެ. މި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހު ވަނީ މި ނިޒާމުގެ ފަންނީ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.

ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ވަނީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ދުރާލާ އިންޒާރުދޭ ނިޒާމުތައް ފަސޭހައިން ލިބެން ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

"ތައްޔާރު" ޕްރޮޖެކްޓަކީ ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކޮށް، މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއީ ޔޫއެންޑީޕީ އާއި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އާއި ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސައުތު-ސައުތު ކޯޕަރޭޝަން ފަންޑު (ޖީޑީއެފް) މެދުވެރިކޮށް ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫއެކެވެ.

މެޓް އޮފީހުގެ އާ ވެބްސައިޓް މިއަދުން ފެށިގެން ބޭނުންކުރެވޭނެއެވެ. "މޫސުން" އެޕް، އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑްކުރެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް