ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ޙުސައިން ރިޓަޔާކުރައްވާތީ ހުސްވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 ގައި ހަމަވެފައިވާއިރު، އަލީ ސަމީރާއި އަބްދުއްރައޫފް އިބްރާހީމް އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަގާމަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ދެ ބޭފުޅުން ކުރިމަތިލައްވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަލީ ސަމީރާއި އަބްދުއްރައޫފް އިބްރާހީމް ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. ސަމީރު އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައެވެ.
ފަނޑިޔާރު އަލީ ރަޝީދު ޙުސައިން ރިޓަޔާކޮށްދިނުމަށް ޖޭއެސްސީން ނިންމުމާ ގުޅިގެން، އެ ކޯޓުން ހުސްވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.





