ސަރުކާރުގެ ހަރަދުގައި އިމާރާތްކުރާ 50 އެނދުގެ މެންޓަލް ހެލްތު ހޮސްޕިޓަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ބީލަމުގެ މުއްދަތު ފިނޭންސް މިނިސްޓްރީން އިތުރުކޮށް، ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަންޖެހޭ އަދަދު 900،000 ރުފިޔާއަށް އިތުރުކޮށްފިއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ، މި މަސައްކަތަށް ބީލަން ހުޅުވާލިތާ ދޮޅު މަސް ދުވަސް ފަހުން މިނިސްޓްރީން މިއަދު ކުރި އާ އިއުލާނެއްގައެވެ. ބީލަމަށް ހުޅުވާލި ފުރަތަމަ އިއުލާން ކުރީ ސެޕްޓެންބަރު 23 ގައެވެ. އެ އިއުލާނުގައި ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ ކަމަށް ކަނޑައަޅާފައި އޮތީ 864،000 ރުފިޔާއެވެ.
ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާ ދެއްކުމުގެ މުއްދަތު ކުރިން އޮތީ އޮކްޓޯބަރު 20 ގެ ނިޔަލަށް ކަމަށްވާއިރު، އެ މުއްދަތު މިހާރު ވަނީ ނޮވެމްބަރު 18 ގެ ނިޔަލަށް އިތުރުކޮށްފައެވެ. ބަނޑޭރިޕޭ މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު، ރަސީދާއެކު ދަފުތަރުވާން އެދޭ ފަރާތުގެ މައުލޫމާތު އީމެއިލްކުރުމަށް މިނިސްޓްރީން އެދެއެވެ.
ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހަޅަން ކުރިން ކަނޑައަޅާފައި އޮތީ އޮކްޓޯބަރު 25 ގެ މެންދުރުފަހު 1:00 ގެ ކުރިންނެވެ. އެ މުއްދަތު މިހާރު ވަނީ ނޮވެމްބަރު 23 ގެ މެންދުރުފަހު 1:00 އާ ހަމައަށް އިތުރުކޮށްފައެވެ.
ބޭރުގެ ލޯނު އެހީގައި މި ހޮސްޕިޓަލް ގާއިމުކުރުމުގެ އިޖުރާއަތްތައް ދިގުލައިގެން ދިޔުމުން، ސަރުކާރުގެ ސީދާ ބަޖެޓުން އެ ހޮސްޕިޓަލް އަޅަން ނިންމިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ އޭޕްރިލް 27 ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވީ، މި ހޮސްޕިޓަލް އަޅަން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ. ނަފުސާނީ ފަރުވާއަށް ބޭނުންވާ ގިނަ ވަސީލަތްތައް ހުރީ މާލެ ސަރަހައްދުގައި ކަމަށްވާތީ، މާލެ ސަރަހައްދުގައި ހޮސްޕިޓަލް ގާއިމުކުރުން މުހިންމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.





