ފުލުހުންގެ އަންނަ އަހަރުގެ އިސްކަންދޭ ދާއިރާތައް ކަނޑައެޅުމަށް ކޮންފަރެންސް ފަށައިފި

އިސްކަންދަރު ކޮށީގައި މިއަދު ފަށައިފައިވާ ތިން ދުވަހުގެ ކޮންފަރެންސެއްގައި، ފުލުހުންގެ ޚިދުމަތުން އަންނަ އަހަރަށް އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް މަޝްވަރާކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ނޮވެމްބަރު 8 އިން 10 އަށް ކުރިއަށްދާ މި ހަރަކާތަކީ، އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2027 ގެ ނަމުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ކުރިއަށްގެންދަނީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމުގެ މަތިންނެވެ.

ފުލުހުން ބުނީ، މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ ޚިދުމަތް ބޭނުންވާ މިންވަރާއި، ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ އިތުރުން ފަންނީ ދިރާސާތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެކަމަށެވެ.

އެ މަޝްވަރާތަކުގެ ތެރެއިން ފުލުހުންގެ މުއައްސަސާގެ އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަނެވި، ސާފު ލަނޑުދަނޑިތަކެއް ކަނޑައެޅި، 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ވަކިވަކި ޒިންމާތައް ތަރުތީބުކޮށް ކަނޑައެޅޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އިލްމީ ހޯދުންތަކާއި، ދިރާސާތަކާއި ފުލުހުންގެ އޮޕަރޭޝަނަލް ތަޖުރިބާގެ އަލީގައި، އަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ހަރުދަނާ ފިޔަވަޅުތަކެއް ވެސް އެކަށައެޅިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް