ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް އިންޓަނެޓް މެދުވެރިކޮށް އެހެން ދަރިވަރަކަށް ގަނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ދާދި ފަހުން ޓިކްޓޮކްގައި އެކައުންޓެއް ހަދައިގެން ދަރިވަރަކަށް އަމާޒުކޮށް ގަނާކުރެވިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ. ކުޑަކުދިންނާ ގުޅުން ހުންނަ މައްސަލަތަކުގައި ފުލުހުން އާންމު ގޮތެއްގައި ރަށުގެ ތަފުސީލު އާންމެއް ނުކުރެއެވެ.
ދަރިވަރުން އެހެން ދަރިވަރުންނަށް ގަނާކުރުމުގެ އަމަލުތައް، ޚާއްސަކޮށް މީސްމީޑިއާ ޒަރީއާއިން، އިތުރުވެފައިވާ ކަމުގެ ކަންބޮޑުވުން އުފެދިފައިވެއެވެ.
އިންޓަނެޓާއި ސޯޝަލް މީޑިއާ ޒަރީއާއިން ކުދިންނަށް ކުރާ މިފަދަ ގަނާކުރުމަށް ސަމާލުވުމަށްވެސް، ދަރިވަރުން އިންޓަނެޓް ބޭނުންކުރާ ގޮތް ބެލެނިވެރިންނާއި މައިންބަފައިން ގާތުން ބެލުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.





