ހައްޖު ކޯޕަރޭޝަން އޮޑިޓަރުގެ ވަޒީފާ އިއާދަކުރުން މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ވަޒީފާއިން ވަކިކުރި އިންޓާނަލް އޮޑިޓަރަށް މާލީ ބަދަލާއެކު އަލުން ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން، ހައިކޯޓުން ގޮތެއް ކަނޑައެޅުމާ ހަމައަށް ތަންފީޒުކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފިއެވެ.

މި މައްސަލައަކީ ނ. މަނަދޫ، ރީހުއްސަބާ، މުހައްމަދު ހަލީމްގެ ފަރާތުން ހައްޖު ކޯޕަރޭޝަނަށް ރައްދުވާގޮތަށް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ. އޭނާ 23 ނޮވެމްބަރު 2020 އިން ފެށިގެން އެ ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓަރުގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 20 ޖެނުއަރީ 2025 ގައި ވަޒީފާއިން ވަކިކުރެވުނެވެ.

ޓްރައިބިއުނަލުން ކަނޑައެޅީ، މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ވަކިކޮށްފައިވާތީ، އޭނާ އަދާކުރަމުންދިޔަ މަގާމަށް ރުޖޫއަކުރުމަށެވެ. އަދި އެކަށީގެންވާ ސަބަބެއްނެތި ވަކިކޮށްފައިވާތީ، ނޯޓިސް މުއްދަތުގެ ގޮތުގައި ދީފައިވާ 26،509 ރުފިޔާގެ ނިސްބަތުން ބަލައި، ވަޒީފާއެއް އަދާކުރަން ފެށުމާ ހަމައަށް ޖުމްލަ 74،225 ރުފިޔާ ދޭންޖެހޭ ކަމަށާއި، އޭގެ ތެރެއިން ނޯޓިސް ފައިސާ އުނިކުރުމަށްފަހު ބާކީ އޭނާއަށް ދިނުމަށްވެސް އަމުރުކޮށްފައިވެއެވެ. ރަސްމީ ބަންދުނޫން 30 ދުވަހުގެ ތެރޭގައި މި ނިންމުން ފުރިހަމަކުރުމަށް ކޯޕަރޭޝަނަށް އަންގައިފައިވެއެވެ.

ހައްޖު ކޯޕަރޭޝަނުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށް، ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ހިލާފު ނިންމުމެއް ކަމަށް ބުނެފިއެވެ. އަދި ހައިކޯޓުން ނިންމުމާ ކުރިން ޓްރައިބިއުނަލްގެ އަމުރު ތަންފީޒުކޮށްފިނަމަ، ފައިސާ އަނބުރާ ހޯދުމަށް ހުރަސްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮތް ކަމަށާއި، އުވާލެވިފައިވާ މަގާމަކަށް މުވައްޒަފަކު ޢައްޔަންކުރަން ޖެހޭ ކަމަށްވެސް ބުނެ، އަމުރު މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދިފައިވެއެވެ.

މިކަމަށް ރިއާޔަތްކޮށް ހައިކޯޓުން އަމުރުކޮށްފައިވަނީ، މި މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅާނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް