މާވަށުގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް، ޑެޕިއުޓީ މިނިސްޓަރު ޢަބްދުލްޣަފޫރު ހުޅުއްވައިދެއްވައިފި

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ދަށުން، ލ. މާވަށުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ރަސްމީކޮށް ހުޅުވައިފިއެވެ.

މާވަށު ކައުންސިލާއި މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އެ ގޮފި އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދެވެ.

ގޮފި ހުޅުވުމަށްފަހު، ޤައުމީ މަރުކަޒުގެ އިސް ޓީމުން ވަނީ މާވަށު ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ގޮފި ހިންގުމުގެ އިންތިޒާމުތަކާއި، ޤުރްއާން ތަޢުލީމުގެ ޕްރޮގްރާމްތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ގޮފީގައި ޤުރްއާން ކިލާސްތައް ރަސްމީކޮށް އިފްތިތާޙުކޮށް، އެންރޯލްވެފައިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ މަރުކަޒުގެ ވަފުދުގެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ގޮފި ހުޅުވުމަކީ ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކުރުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޡުކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ދައުލަތުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް