ނަގޫރޯޅީގެ ސަބަބުން ޅައިމަގުގެ ގެތަކާއި ގުދަންތަކަށް ގެއްލުންވެއްޖެ

ށ. ޅައިމަގަށް މިއަދު އެރި ނަގޫރޯޅީގެ ސަބަބުން އެ ރަށުގެ ހަތަރު ވަރަކަށް ގެއެއްގެ ފުރާޅާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ، ނަގޫރޯޅި އެރި ވަގުތު ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަނިޔާވި މީހާއަށް ސިއްހީ ފަރުވާ ދީފައިވެއެވެ.

ނަގޫރޯޅިން ރަށަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކޮށް، ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ޅައިމަގު ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.

ޅައިމަގަށް ނަގޫރޯޅި އެރީ، ރާއްޖެއަށް މޫސުން ގޯސްވެފައިވާ ދުވަސްވަރެއްގައެވެ. ޅައިމަގު ހިމެނޭ ގޮތަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މެޓް އޮފީހުން ވަނީ ރީނދޫ ސަމާލު ނެރެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް