ދަރިފުޅަށް ޖިންސީ ގޯނާކުރަން ފުރުސަތު ދިން މަންމަ މިނިވަންކުރި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރުމަށް ހިތްވަރުދީ ފުރުސަތު ފަހިކޮށްދިން މައްސަލައިގައި ކުއްޖާގެ މަންމަ މިނިވަންކުރަން ހައި ކޯޓުން 2018 ވަނަ އަހަރު ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށް، އޭނާގެ މައްޗަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްވި 18 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައިފިއެވެ.

މި ހުކުމާއެކު، ހައި ކޯޓުގެ ނިންމުމާ ގުޅިގެން މިނިވަންވެފައި ހުރި އެ އަންހެން މީހާ، އޭނާގެ އަދަބު ތަންފީޒުކުރުމަށް އަލުން ޖަލަށް ދާން ޖެހޭނެއެވެ.

މި މައްސަލައަކީ 2014 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން މީހަކު ލައްވައި ދަރިފުޅާ މެދު ޖިންސީ އަމަލު ހިންގުވައި، އެކަމަށް ވާގިވެރިވެދިން މައްސަލައެކެވެ. 2016 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުން އޭނާގެ މައްޗަށް ސާބިތުކުރީ، އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން އެނގިހުރެ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ނުކުރުމުގެ ކުށެވެ.

އޭނާގެ ފަރާތުން ކުރި އިސްތިއުނާފުގައި ހައި ކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލުކުރީ، ޝަރީއަތުގެ ލިޔުންތައް އޭނާއަށް ރައްދުވިކަން ކަށަވަރު ނުވާތީ ދިފާއުވުމުގެ ހައްގު ގެއްލިފައިވާ ކަމަށާއި، ރިޕޯޓު ނުކުރި މައްސަލައިގައި އެކަށީގެންވާ ތަހުގީގެއް ނުހިންގާ ދައުވާ އުފުލާފައިވާ ކަމަށް ބަލައިގެންނެވެ.

ދައުލަތުން ކުރި އިސްތިއުނާފުގައި ސުޕްރީމް ކޯޓުން ފާހަގަކުރީ، މި މައްސަލަ ހިނގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށް ވާތީ، ލިޔުންތައް ހަވާލުކުރި ރަސްމީ ރެކޯޑެއް ނެތް ނަމަވެސް، ޝަރީއަތުގެ މަރުހަލާގައި އެފަދަ ޝަކުވާއެއް އޭނާ ކޮށްފައި ނުވާ ކަމަށެވެ. ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފައިވާ ކަމަށާއި، މެޑިކަލް ރިޕޯޓްތަކާ ގުޅިގެން ހެކިންނާ އޭނާ އަމިއްލައަށް ސުވާލުކޮށްފައިވާތީ ލިޔުންތައް ލިބިފައިވާކަން ސާފުވާ ކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

އަދި ދަރިފުޅަށް ގޯނާކުރާކަން އެނގިހުރެ ސިއްރުކުރި ކަމަށް ތަހުގީގުގައި އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާތީ، އެ ދައުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.

މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ. ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ އެ ރައުޔަށް ތާއީދު ކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް