ބާޖެއް ޖެހި ހަލާކުވި ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތަށްފަހު އަލުން ހުޅުވާލައިފި

ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖަކުން ޖެހި ގެއްލުން ލިބުނު ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި، އާންމުންނަށް އަލުން ހުޅުވާލައިފިއެވެ.

މި އަހަރުގެ މޭ 26 ގައި ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ލަކުޑި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ދުވަހުން ފެށިގެން ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

އެޗްޑީސީން ބުނީ، ރައްކާތެރިކަމާ ގުޅޭ އެސެސްމަންޓްތައް ހެދުމަށްފަހު މަރާމާތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންގޮސް، މިހާރު ޖެޓީ ކުރިއެކޭ އެއްގޮތަށް ބޭނުންކުރެވޭނެ ކަމަށެވެ.

ލަކުޑި ޖެޓީއަކީ ގިނަ އަދަދެއްގެ އާންމުންނާއި ދަތުރުވެރިން ބޭނުންކުރާ މުހިންމު ވަސީލަތެކެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ވީހާވެސް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް