ބީއެމްއެލް އެފޯޑަބަލް ހައުސިން: ހުޅުމާލޭގައި 182 ޔުނިޓުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލެ ފޭސް 1ގައި ތަރައްގީކުރާ 364 ހައުސިން ޔުނިޓުގެ ތެރެއިން 182 ޔުނިޓުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް ކުރަނީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ.

ބީއެމްއެލްގެ ފަރާތުން ޕްރޮޖެކްޓް ކޮންސަލްޓެންޓް މުހައްމަދު ޝަރާހު ވިދާޅުވީ، އަންނަ އަހަރު ސުޕަ ސްޓްރަކްޗަރ ނިންމާލައި، ޖެހިގެން އަންނަ އަހަރު ފިނިޝިންގެ މަސައްކަތް ނިމޭނެ ކަމަށެވެ. މުޅި މަޝްރޫއު ނިންމުމަށް އުއްމީދުކުރަނީ 2028 ވަނަ އަހަރުގެ ޖުލައި މަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންއިން މާލޭ ސިޓީގައި ޖުމްލަ 3،260 ހައުސިން ޔުނިޓު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާއިރު، އެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރާ މި ފްލެޓްތަކަކީ ތިން ކޮޓަރީގެ ފްލެޓުތަކެކެވެ.

ސަރުކާރުން ފާހަގަކުރާ ގޮތުގައި، މިއީ ސަރުކާރެއްގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މަޝްރޫއު ފަށައި، ހުރިހާ މަސައްކަތެއް ނިންމައި، ވެރިފަރާތްތަކާ ހަވާލުކުރެވޭނެ ފުރަތަމަ ހައުސިން މަޝްރޫއަށް ވެގެންދާނެއެވެ. ހުޅުމާލެ ފޭސް 1ގެ އިތުރުން ހުޅުމާލެ ފޭސް 2 އާއި ވިލިމާލޭގައި ވެސް ހައުސިން ޔުނިޓުތައް ތަރައްގީކުރުމުގެ މަސައްކަތް ބީއެމްއެލުން ކުރިއަށްގެންދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް